ރަށުގެ ރައްޔިތުންނަށް އަޞާސީ ޙިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ރަށުއޮފީހުން އިސްނަގައިގެން ބިލެއްދޫ ރކ ކޮމެޓީ އަދި ރަށުގެ ބައެއް އިސްރަށްވެހިންނާއި، ގުޅިގެން ރައްޔިތުންނަށް ކަރަންޓްގެ ޙިދުމަތް ފޯރުކޮށް ދިނުމަށްޓަކައި "ރައްޔިތުންގެ އިންޖީނުގެ" ނަމުގައި އިމާރާތެއް އަޅައި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދޭންފަށާފައިވަނީ 1997ވަނަ އަހަރުގައެވެ. ރަށުގައި ފުރަތަމަ ފަހަރަށް ކަރަންޓްގެ ޙިދުމަތް ދިނުމަށްޓަކައި ބެހެއްޓިފައި ވަނީ 50ކވގެ ( ބްރޭންޑް ނިއު ) ޖަނަރޭޓާރަކާއި، 33ކވގެ ( ބްރޭންޑް ނިއު ) ޖަނަރޭޓަރ އެކެވެ.
ފުރަތަމަ ފަހަރަށް މިޙިދުމަތްދޭން ފަށާފައި ވަނީ 12 ގަޑީ އިރަށް ނަމަވެސް ފަހުން މި ޙިދުމަތް 16 ގަޑީ އިރަށް އަދި 18 ގަޑީ އިރަށް ބަދަލު ކުރެވިފައިވެއެވެ. އާންމު ރައްޔިތުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން އޭރު ރައްޔިތުންނަށް މި ޙިދުމަތް ފޯރުކޮށްދިނުމުގައި ބުރަމަސައްކަތްތަކެއް ކުރައްވަމުންގެންދެވި ފަރާތްތަކުގެ އިޙުލާސްތެރި ބުރަ މަސައްކަތުން މި ޙިދުމަތް 24 ގަޑިއިރަށް ބަދަލުކުރެވިފައިވެއެވެ.
ރައްޔިތުންގެ ނަމުގައި ހިންގަމުންދިއަ އިންޖީނުގެއިން ފޯރުކޮށްދެވޭ ޙިދުމަތްތައް ޚަރުދަނާ ކުރުމަށް އޭރުގެ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއިއެކު، އިތުރު އިންޖީނުތައް ގެނެސް އިންސްޓޯލް ކުރެވި ޙިދުމަތް އިތުރަށް ފުޅާ ކުރެވިފައިވާކަމީ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަ ޖެހުމެކެވެ. އެގޮތުން ގެނެވިފައިވަނީ 80ކވގެ 2 ޖަނަރޭޓާރ ( ރީ ކޮންޑިޝަން ) 60ކވގެ 1 ޖަނަރޭޓާރ ( ބުރޭންޑް ނިއު ) 80ކވގެ 1 ޖަނަރޭޓާރ ( ބްރޭންޑް ނިއު ) 112ކވގެ 1 ޖަނަރޭޓަރ ( ބްރޭންޑް ނިއު ) އަދި މީގެ އިތުރުން ބޭނުން ކުރެވިފައިވާ ( ސިންކުރަނައިޒް ) ޕެނަލް ބޯޑެއްވެސް ގެނެވިފައި ވާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.
ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި، ވަކިން ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައި ރައްޔިތުންނަށް ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދޭން ފެށުމާއި ގުޅިގެން 2012ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެއިން ފޯރުޮށްދެމުންދިޔަ ޙިދުމަތް ސަރުކާރު ކުންފުނީގެދަށަށް ބަދަލުކުރެވުނެވެ. ފެނަކައިން މި ޙިދުމަތްތަށް ފޯރުކޮށްދޭން ފެށުމާއި، ގުޅިގެން ރައްޔިތުންގެ އިންޖީނުގޭގެ ނަމުގައި ހިންގަމުންގެންދިޔަ އިމާރާތުގެ ނަން ފެނަކައިގެ ނަމަށް ބަދަލުކުރެވި ރަސްމީކޮށް ހިންގަން ފަށާފައިވަނީ 10 މާރޗް 2014ގައެވެ. ފެނަކައިން ފޯރުކޮށްދެވޭ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ޙަރުދަނާކުރުމަށް ރަށުގައި ފެނަކައިގެ އާއިމާރާތުގެ ބިންގާ އެޅިފައިވަނީ 20 ސެޕްޓެމްބަރ 2019ގައެވެ. އަދި އިމާރާތުގެ މަސައްކަތްނިމި 23 ޖަނަވަރީ 2023 ވަނަ ދުވަހު ރަސްމީކޮށް އޮފީސް އާއިމާރާތަށް ބަދަލުކޮށް ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދޭން ފަށާފައިވެއެވެ. މިބަދަލާއިގުޅިގެން ރައްޔިތުންނަށް ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރީގައި ބޭނުންކުރެވެމުންދިޔަ ވަސީލަތްތަކާއި، ޢަމަލުކުރެވެމުން އައިގޮތްދޫކޮށް ޒަމާނީ ޓެކްނޮލޮޖީއަށް އަޙުލުވެރި ގޮތްތައް ބޭނުންކުރެވެން ވަނީފަށާފައެވެ.
ފެނަކަ އާއި ހަވާލު ކުރިފަހުން ކަރަންޓްގެ ޚާލަތު ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދިޔަ މަސައްކަތުގެ ތެރެއިން އިތުރު ޖަނަރޭޓަރުތައް ގެނެވި ޙިދުމަތް ޚަރުދަނާ ކުރެވިފައި ވެއެވެ. މިގޮތުން އެކިފަހަރު މަތިން ގެނެވުނު 250ކވގެ 1 ޖަނަރޭޓަރ ( ރީ ކޮންޑިޝަން ) 400ކވގެ 1 ޖަނަރޭޓާރ ( ބްރޭންޑް ނިއު ) އަދި 500ކވގެ 1 ޖަނަރޭޓާރ ( ބްރޭންޑް ނިއު ) އަދި އިތުރު ޕެނަލް ބޯޑެއް ގެނެސް އިންސްޓޯލްކުރެވިފައިވެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް ބުރާންޗުގެ އިސްވެރިންނާއި ގުޅިގެން މުވައްޒަފުން ކުރަމުންގެންދާ ބުރަމަސައްކަތްތަށް ފާހަގަކުރަމެވެ.
ADS BY Lucky zone
ކަރަންޓުގެ ޙިދުމަތް







